މިހާރަކަށް އައިސް އެންމެގަދައަށް ދެކެވޭ އެއްވާހަކައަކީ ޓެރަރިޒަމްގެ ވާހަކައެވެ. އެއީ މިއަދުދުނިޔެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަކަމުގައި ބައެއްމީހުންބުނެއެވެ. ޓެރަރިޒަމުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެފެންވަރުގައްޔާއި ޤައުމީފެންވަރުގައި ތަފާތު ޙަރަކާތްތައް ދުނިޔޭގެ ކަންކޮޅުތަކުގައި މެދުނުކެނޑި ކުރިއަށް ދެއެވެ. އެއިން ސަލާމަތްވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރެވެމުންދާ ޓެރަރިޒަމަކީ އެންމެންގެ ވިސްނުމުގައި އެކައްޗެއްތޯ މިއީ އުފެދޭ ސުވާލެކެވެ. މިސުވާލު އުފެދެނީ ދެކެވޭ ވާހަކަތަކުންނާއި އިވޭ އަޑުތަކުންނެވެ. އެކި މީހުންއޭގެ މާނަކުރަނީ އެކިގޮތަށެވެ. ބައެއްމީހުންގެ ވިސްނުމުގައި އިސްލާމްދީނަކީ އަލިފުން ޔާއަށް ޓެރަރިޒަމެވެ. އަނެއްބައެއްގެ ވިސްނުމުގައި އެދީނަށް ފުރިހަމައަށް އުޅޭމީހުންނަކީ ޓެރަރިސްޓުންނެވެ. ނަމެއްގައުޅޭމީހުން އޭގެތެރޭގައި ނުހިމެނޭނެއެވެ. ބައެއްމީހުންގެ ވިސްނުމުގައި ފަރުޟް ފަސްނަމާދު ގަޑިން ގަޑިއަށް ކުރާނީވެސް ޓެރަރިސްޓުންނެވެ. މިކަހަލަ އެތައް ފިކުރުތަކެއް ފެތުރެމުންއެބަދެއެވެ. އެކިމީހުން ޓެރަރިޒަމްގެ އިންފާރު ކަނޑައަޅަނީ އެކި ހިސާބުގައެވެ. ނަތީޖާއެއްގެ ގޮތުން އެކަކުގެ ގާތުގައި ޓެރަރިސްޓަކަށްވާ މީހާ އަނެކަކުގެ ގާތުގައި އެފަދަމީހަކުކަމުގައި ނުވެއެވެ. މިގޮތައް ތަފާތު މާނަތައް ކުރުމުގައި އެބައެއްގެ ވިސްނުމާއި ފިކުރުގެ އަސަރު ވަރަށް ބޮޑުކަން ޔަގީނެވެ. ކަން މިހެން ހުރި އިރު ޙަޤީޤީ ޓެރަރިޒަމަކީ ކޮބައިބާވައެވެ.
ޓެރަރިޒަމް Terrorism މިބަސް އުފެދިފައި ވަނީ “Terror” މިލަފްޒުންނެވެ. މިއީ ލެޓިން ބަހެއް ކަމުގައިވާ terrere އިން އައިސްފައިވާ އިގިރޭސި ބަހެކެވެ. މީގެ މާނައަކީ ބިރުދެއްކުމެވެ. ކުރިއަރާފައިވާ ޤައުމުތަކުގައި މިބަސް ތަފާތު މަފްހޫމުގައި ބޭނުންކުރެވިފައި އެބަހުއްޓެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ޓެރަރިޒަމްގެ މާނަ ކުރެވިފައި ވަނީ ކުށެއްނެއް މީހުން މެރުމަށެވެ. 2004 ވަނައަހަރު ޔުނައިޓެޑް ނޭޝަންސް ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓްގައި ޓެރަރިޒަމް މާނަކޮއްފައިވަނީ ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ބަޔަކަށް ބިރުދެއްކުމުގެ ގޮތުން، ސަރުކާރަށް ނުވަތަ އިންޓަނޭޝަނަލް އޮގަނައިޒޭޝަނަކަށް ކަމެއް މަޖްބޫރު ކުރުވުމުގެ މަޤްޞަދުގައި، ހަގުރާމަ ނުކުރާ މަދަނީން ޤަޞްތުގައި މެރުން ނުވަތަ ޖިސްމާނީގޮތުން ބޮޑެތި ޒަޚަމްތައް ކުރުމަށެވެ. ޓެރަރިޒަމް މާނަކުރުމުގައި އެންމެން އެއްބަސްވާ ޔުނިވާރސަލް ޑެފިނިޝަނެއް ނެތްކަމަށް ހުޅަގުގެ ޢިލްމުވެރިންވެސް ވިދާޅުވެއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އެމެރިކާގެ ޖޯޖްޓައުން ޔުނިވަރސިޓީގެ ސެންޓަރ ފޮރ ޕީސް އެންޑް ސެކިޔުރިޓީ ސްޓަޑީސްގެ ޑިރެކްޓަރ އަދި ޓެރަރިޒަމާއި ކައުންޓާރ އިންސާޖެންސީ ސްޓަޑީސް ގެ ސްޕެޝަލިސްޓް ޑރ. ބުރުސް ހޮފްމަން ޓެރަރިޒަމާއި އެހެނިހެން ޖަރީމާ ތަކާއި ތަފާތުވާ ސިފަތަކެއް ބަޔާންކުރައްވާފައިވެއެވެ. އެސިފަތަކުގެ ތެރޭގައި ބިރުދެއްކުމުގެ ވާހަކަ ބަޔާންކުރައްވާފއިވެއެވެ. ބައެއްމީހުން ޓެރަރިޒަމްގެ ވައްތަރުތައް ބަޔާން ކުރައްވާފައިވާއިރު އޭގެތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި އެހާބޯޑަށް އަޑު ނީވޭ ވައްތަރުތައްވެސް ހިމަނުއްވާފައި ވެއެވެ. އެގޮތުން ސްޓްރަކްޗަލް ޓެރަރިޒަމާއި ޕޮލިޓިކަލް ޓެރަރިޒަމްގެ ވާހަކަ ފާހަގަ ކޮއްލެވެއެވެ.
ޓެރަރިޒަމަށް އެންމެން އެއްބަސްވާ ޚާއްޞަ ޑެފިނިޝަނެއް ނެއްއިރު އަދި އިސްލާމުންނޫން ބައެއް މަޝްހޫރު ޢިލްމުވެރިންނާއި ދުނިޔޭގެ އިންޓަނޭޝަނަލް ޖަމާޢަތްތަކުން ޓެރަރިޒަމްގެ ޑެފިނިޝަނުގައި ދީނެއްގެ ވާހަކަގެނެސްފައި ނުވާ އިރު އިސްލާމްދީނާ އެދީނަށް އުޅޭހާ ބަޔަކު ޓެރަރިޒަމްގެ ލޭބަލްޖެހެންވީ ކީއްވެތޯ މިއީވެސް އުފެދޭ ސުވާލެކެވެ. މުސްލިމު ނަމެއްކިޔާ މީހަކު ނުވަތަ ބަޔަކު ހިންގާ ޖަރީމާއެއް އިސްލާމްދީނަށް ނިސްބަތް ނުކުރެވޭނެއެވެ. އެއީ ދިވެއްސަކު ކުރާ ގޯސްކަމެއް ހުރިހާ ދިވެހިންގެ ބޮލުގައި ނޭޅޭފަދައިންނެވެ. ޓެރަރިޒަމްގެ އަމަލުތަކަކީ ހަމައެކަނި މުސްލިމުންގެ ނަމުގައި ތިބޭ މީހުން ހިންގާ އަމަލެއް ނޫނެވެ. އެހެނިހެން ދީންތަކުގެ މީހުންވެސް އެފަދަ އަމަލުތައް ކުރަމުންދެއެވެ. އިޒްރާއީލް ސިފައިންގެ ފަރާތުން ފަލަސްތީނުގެ ކުށެއްނެއް ރައްޔިތުން މަރުވެފައި ވާކަމަށާއި، އިންޑިއާގެ ސަރުކާރާއި ވަކިވެ ވަކި ދައުލަތެއް ޤާއިމުކުރަން އުޅޭ ހިންދޫ ޖަމާއަތެއް ކަމަށްވާ ‘މާއޮއިސްޓުން’ ގެ ފަރާތުން ތަފާތު ލޭއޮހޮރުވުންތައް އިންޑިއާގެ ކަންކޮޅުތަކުގައި ދޭތެރެ ދޭތެރެއިން ހިނގާ ކަމަށާއި، އެމެރިކާގައި ކޮންމެ ދުވަހަކުހެން ގޭންގް މާރާމާރީތައް ހިގާ ކަމަށާއި، ޖާނުންފިދާވުމުގެ ހަމަލާތައް ދިނުމުގައި މަޝްހޫރު ލަންކާގެ ތަމަޅަ ޓައިގަރުންގެ ފަރާތުން ކުށެއްނެތް އެތައް ރައްޔިތުންނެއް މަރުވެފައިވާކަމީ މީޑިއާގައި ދެކެވިފައިވާ ވާހަކަތަކެވެ. އެމެރިކާގެ ޕޮލިޓިކަލް ސައިންޓިސްޓް ރޮބަރޓް އެންތަނީ ވަނީ 1980 އާއި 2003 ވަނަ އަހަރާއި ދެމެދު ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާފައިވާ ޖާނުންފިދާވުމުގެ ހަމަލާތަކުގެ ޑޭޓާރބޭހެއް އެކުލަވާލާފައެވެ. 315 ޖާނުން ފިދާއުވުމުގެ ހަމަލާއަށް ރިޔާއަތްކޮށް އޭނާ ހާމަކުރައްވާ ގޮތުގައި އަމިއްލައަށް ޖާނު ގޮއްވާލައިގެން ދީފައިވާ ހަމަލާތަކަކީ ދީނީ ވިސްނުމުގައި ދެވިފައިވާ ހަމަލާތަކެއް ނޫންކަމަށާއި އެއީ ސިޔާސީ މައްސަލަތަކުގައި ދެވިފައިވާ ހަމަލާ ތަކެއް ކަމަށެވެ. އަދި މީގެ އިތުރުން ސީއައިއޭގެ ކުރީގެ އެނަލިސްޓެއްކަމަށްވާ މައިކަލް އޭނާގެ 22 އަހަރުގެ ސީއައިއޭގެ މަސައްކަތުގެ ތަޖުރިބާގެ އަލީގައި ވިދާޅުވާގޮތުގައި އެމެރިކާއަށް ދެވޭ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބަކީ ދީނީ ނުވަތަ ސަގާފީ ސަބަބަކުން އަންނަ ހަމަލާތަކެއް ނޫންނެވެ. އެފަދަ ހަމަލާތައް އަމާޒުވަނީ އެމެރިކާގެ ފޮރިން ޕޮލިސީގެ ސަބަބުންނެވެ. އަދި އޭނާ ހާމަކުރައްވާގޮތުގައި އެމީހުން ނަފުރަތު ކުރަނީ އަހަރެމެންނަށް ނޫންކަމަށާއި އަހަރެމެން ކުރާ ކަންތަކަށް ކަމަށެވެ.
އެއްވެސް ޝައްކެއްނެތްގޮތުގައި އިސްލާމްދީނުގައި ޓެރަރިޒަމްގެ އެއވެސް ޢަމަލަކަށް އެއްވެސް ޖާގައެއްނެތެވެ. އެދީނަކީ ރަޙުމްކުރުމުގެ ދީނެވެ. އޯގާތެރިކަމުގެ ދީނެވެ. ލުއިފަސޭހަ ދީނެވެ. އަމަންއަމާންކަމާއި މަސްލަހަތަށް ލޯބިކުރާދީނެވެ. އަނިޔާވެރިވުމާއި ބިރުދެއްކުމުގެ ދީނެއްނޫނެވެ. ގެއްލުންލިބިގަތުމާއި ގެއްލުންދިނުމުގެ ދީނެއް ނުމެނޫންމެއެވެ. އެދީނުގައި ގޯހީ މިވެނިކަމެކޭ ބުނެވޭނެ އެއްވެސްކަމެއްނެތެވެ. ހައްތާވެސްހުރީ ރަގަޅުކަންތައްތަކެވެ. އެކުވެރިކަމާއި އެއްބާރުލުމެވެ. އަޅާލުމާއި ހަމްދަރުދީވުމެވެ. ހެޔޮބަސްބުނުމާއި ހެޔޮކަންތައްތައް ކުރުމެވެ. ހިންހަމަޖެހުމާއި ހިތްހަމަޖައްސައިދިނުމެވެ. ހަމަހަމަ ކަމާއި ޢަދުލުއިންސާފެވެ. މިނިވަންކަމާއި ރައްކާތެރިކަމެވެ. އަފްރާދުންނާއި މުޖްތަމަޢަށް ލާބަޔާއި މަންފާއެވެ. އެދީނުގައިވާ އެންމެހައި އަމުރުތަކާއި ނަހީތަކަކަކީ އޭގެ ފަހަތުގައި ބޮޑެތި ޙިކުމަތްތަކެއްވާކަންކަމެވެ. އެދީނަށްލިބިގެންވާ އެންމެރީތި އެއްސިފައަކީ ރަޙުމަތެވެ. އެއީ ރަޙްމަތުގެ ދީނެވެ. އެދީނުގެ ހުރިހާ ކަމަކީވެސް ރަޙްމަތެކެވެ. ރަޙްމަތުގެ ސިފައިން އެއްފަރާތްވެގެންވާ އެއްވެސްކަމެއް އެދީނުގައި ނުވެއެވެ. އެކަން އެހެން ނުވާންވީ އެއްވެސް ސަބަބެއްނެތެވެ. އެދީން ބާވާލެއްވި ފަރާތަކީ ކޮޅުނެއްކޮޅަށް އޯގާވަންތަ ރަޙްމާންވަންތަ ރަޙީމް ވަންތަ މާތްﷲ އެވެ. އެކަލާނގެ ވަޙީ ކުރައްވާފއިވެއެވެ. وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ (الأعراف: 156) މާނައީ: “ތިމަން ﷲ ގެ ރަޙްމަތް ހުރިހާއެއްޗެއްގެމައްޗަށް ތަނަވަސްވެގެންވެއެވެ.” އެދީން ޢަމަލީގޮތުން އުގަންނަވައިދެއްވީ ރަޙުމާއި އޯގާތެރިކަމުން ފުރިގެންވާ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. މާތްﷲ ވަޙީ ކުރައްވާފއިވެއެވެ. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ (الأنبياء: 107) މާނައީ: “އަދި عالمތަކަށް رحمةއެއްކަމުގައި މެނުވީ، ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ.” އެދީނުގެ ދަސްތޫރު ކަމުގައިވާ ކީރިތި ޤުރްއާނަކީ ބޮޑުވެގެންވާ ރަޙްމަތެކެވެ. މާތްﷲ ވަޙީ ކުރައްވާފއިވެއެވެ. وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إَلاَّ خَسَاراً (الإسراء: 82). މާނައީ: “ތިމަންރަސްކަލާނގެ قرآن އިން مؤمنންނަށް رحمة އާއި، شفاءކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآنން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.”
ލާއިންސާނީ ކަންތައްތަކާއި އަނިޔާވެރިކަމުގެ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި އިސްލާމްދީން ޤަބޫލުކުރާ ކަމެއްނޫނެވެ. އަނިޔާވެރިކަމަކީ ކަނޑައެޅިގެ ޙަރާމް ކަމެއްކަން ބަޔާންކުރައްވާ ޤުދްސީ ޙަދީޘެއްގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا عِبَادِي إِنِّي حَرَّمْتُ اَلظُّلْمَ عَلَى نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلَا تَظَّالَمُوا (أَخْرَجَهُ مُسْلِمٌ) މާނައީ: “އޭ ތިމަންﷲގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން އަނިޔާވެރިވުން ތިމަންﷲ އަމިއްލަ ނަފްސަށް ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައި މީހުންގެ މެދުގައިވެސް އެއީ ޙަރާމް ކަމެއް ކަމުގައި ލައްވައިފީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވާށެވެ.”
އިސްލާމްދީނުގައި ހަގުރާމްކުރުމާއި ޖިހާދުކުރުމާއި ކުށަށް އަދަބުދިނުމަކީ ހަމަޖެހިފައިވާ ވަކި ހަމަތަކަކާއި އުސޫލުތަކަކުން ކުރެވޭ ކަމެކެވެ. ހަމަ ހިތައް އެރިހާ ގޮތަކަށް ކުރެވޭ ކަމެއް ނޫނެވެ. ކާފަރަކު ކާފަރަކަށް ވާތީ މަރަންޖެހޭ އުސޫލެއް ދީނުގައި ނޯވެއެވެ. މުސްލިމުންނާއި އެއްބަސްވެ އަހްދެއްގެ މަތީގައި ތިބޭ ކާފަރަކު މެރުމަކީ ބޮޑުފާފައެއްކަން ބަޔާންކުރައްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފއިވެއެވެ. “مَنْ قَتَلَ مُعَاهِداً لَمْ يَرَحْ رَائِحَةَ اَلْجَنَّةِ وَإِنَّ رِيحَهَا لِيُوجَدَ مِنْ مَسِيرَةِ أَرْبَعِينَ عَامّاً“ (أَخْرَجَهُ اَلْبُخَارِيّ) މާނައި: “އަހްދެއްގެ މަތީގައިވާ ކާފަރަކު ޤަތުލުކޮއްފިމީހަކަށް ސުވަރުގޭގެ ވަސްވެސް ނުފެންނާނެއެވެ. އެތަނުގެ މީރުވަސް ސާޅީސް އަހަރުގެ ރާސްތާގެ ދުރުމިނަށް ހުރެއެވެ.”
މާތްވެގެންވާ އިސްލާމްދީނަކީ މުޅި އިންސާނިއްޔަތަށް ހުރި ރަޙްމަތަކަށްވާއިރުވެސް އެދީނާ އެދީނުގެ އަހްލުވެރިންނަށް އަންނަހަމަލާތައް މަދެއްނޫނެވެ. އިސްލާމީ ޝަރީޢަތަކީ ޓެރަރިޒަމްގެ ޢަމަލުތައް މަނާ ކުރާ އެންމެ ބާރުގަދަ ޤާނޫނެވެ. އަޖައިބުކަމަކީ އެދީން އެންމެބޮޑަށް ދެކޮޅުހަދާ އަނިޔާވެރިކަމާއި ބިރުދެއްކުމާއި ޓެރަރިޒަމްގެ ޢަމަލުތައް އެދީނަށާއި އެދީނުގެ އަހްލުވެރިންނަށް ނިސްބަތްކުރުމެވެ. މިއީ ބަޔަކު ޤަސްތުގައި ނުވަތަ ނޭންގިގެން ކުރިކަމެއްކަމުގައިވިއަސް ވަރަށްދެރަކަމެކެވެ. އަބުރުވެރިއެއްގެ އަބުރުގެއްލުވާލުމަށްވުރެ، ކުށެއްނެއްއިންސާނަކަށް ދޮގުތުހުމަތު ކުރުމަށްވުރެ، ﷲ ބާވާލެއްވިދީނަށް ޙައްޤުނޫންއެއްޗެއް ބުނުމަކީ މާނުބައިކަންބޮޑު ކަމެކެވެ. (ނިމުނީ)
(ނޯޓް: މިއީ އެމް. އެން. ޑީ. އެފް އިން ނެރޭ އައްޑަނަ މަޖައްލާ ގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ޝާއިޢު ކުރައްވާފައިވާ މަޒްމޫނެކެވެ.)