X
މަސައްކަތެއް ދަސްކުރަނީ ކީއްކުރަން ހެއްޔެވެ ؟
ކޮންމެ މީހަކީވެސް ދިރިއުޅުމުގެ މައިދާނުގައި ކޮންމެވެސް ކަމެއް ނުވަތަ މަސައްކަތެއް ކޮއްގެން ދިރިއުޅުން އުޅެން ޖެހިފައިވާ މީހެކެވެ. އެހެން ކަމުން އެމީހަކީ ދިރިއުޅުމުގައި ވަރަ ބިޒީ މީހަކަށް ވަނީ ވެފައެވެ. އެ މަސައްކަތަކަށް ދޭނެޖެހޭ ވަގުތަށް ހުރުމާއި އެ މަސައްކަތް ގަޑިއަށް ނިންމުން ވަރަށް މުހިންމުވެފައިވެއެވެ. ގިނަބައެއްގެ ހާލަތީ މީކަމުން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބަދަލުވަމުން އެބުރެމުން ދާކަން ފާހަގަ ކުރެވޭހެއްޔެވެ. އަދި މި ސުރުޙީގައި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ ހިއްސާ ކޮއްލާނަމެވެ. މަސައްތަށް ދަސް…
ޓެރެރިޒަމް މަނާ ކުރާ ޤާނޫނަށް ޓެރެރިޒަމްގެ ތުޙުމަތު
މިހާރަކަށް އައިސް އެންމެގަދައަށް ދެކެވޭ އެއްވާހަކައަކީ ޓެރަރިޒަމްގެ ވާހަކައެވެ. އެއީ މިއަދުދުނިޔެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަކަމުގައި ބައެއްމީހުންބުނެއެވެ. ޓެރަރިޒަމުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެފެންވަރުގައްޔާއި ޤައުމީފެންވަރުގައި ތަފާތު ޙަރަކާތްތައް ދުނިޔޭގެ ކަންކޮޅުތަކުގައި މެދުނުކެނޑި ކުރިއަށް ދެއެވެ. އެއިން ސަލާމަތްވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރެވެމުންދާ ޓެރަރިޒަމަކީ އެންމެންގެ ވިސްނުމުގައި އެކައްޗެއްތޯ މިއީ އުފެދޭ ސުވާލެކެވެ. މިސުވާލު އުފެދެނީ ދެކެވޭ ވާހަކަތަކުންނާއި އިވޭ އަޑުތަކުންނެވެ.  އެކި މީހުންއޭގެ މާނަކުރަނީ އެކިގޮތަށެވެ. ބައެއްމީހުންގެ ވިސްނުމުގައި އިސްލާމްދީނަކީ އަލިފުން ޔާއަށް ޓެރަރިޒަމެވެ. އަނެއްބައެއްގެ ވިސްނުމުގައި…
ތަނަވަސްބޭފުޅުންގެ އަތްޕުޅުގައިވާ ނިކަމެތީންގެ ޙައްޤު
މުދަލު ޒަކާތް: މުދަލު ޒަކާތްދެއްކުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގެ ގޮތުން ވަކިބާވަތެއްގެ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ހައްޤުވާ ފަރާތްތަކާ ޙަވާލުކުރުމެވެ. ޒަކާތް ދިނުމުގެ ޙުކުމް: ޒަކާތްދިނުމަކީ ޝަރުޠުތައް ހަމަވާ ކޮންމެމީހެއްގެ މައްޗަށް މާތްﷲ ފަރުޟުކުރައްވާ ވާޖިބުކުރައްވާފައިވާކަމެކެވެ. އެއީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރޭގައި ހިމެނޭ އެއްރުކުނެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ، މުޢާޛު ބުން ޖަބަލް ރަޟިޔަﷲ ޢަންހު ޔަމަން ކަރައަށް ފޮނުއްވަމުން ޙަދީޘް ކުރެއްވިއެވެ. "ފަހެ،…

ތަނަވަސްބޭފުޅުންގެ އަތްޕުޅުގައިވާ ނިކަމެތީންގެ ޙައްޤު

ފޮޓޯ: https://www.wallpapertip.com

މުދަލު ޒަކާތް:

މުދަލު ޒަކާތްދެއްކުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގެ ގޮތުން ވަކިބާވަތެއްގެ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ހައްޤުވާ ފަރާތްތަކާ ޙަވާލުކުރުމެވެ.

ޒަކާތް ދިނުމުގެ ޙުކުމް:

ޒަކާތްދިނުމަކީ ޝަރުޠުތައް ހަމަވާ ކޮންމެމީހެއްގެ މައްޗަށް މާތްﷲ ފަރުޟުކުރައްވާ ވާޖިބުކުރައްވާފައިވާކަމެކެވެ. އެއީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރޭގައި ހިމެނޭ އެއްރުކުނެވެ.

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ، މުޢާޛު ބުން ޖަބަލް ރަޟިޔަﷲ ޢަންހު ޔަމަން ކަރައަށް ފޮނުއްވަމުން ޙަދީޘް ކުރެއްވިއެވެ. “ފަހެ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެ ޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން ތަނަވަސްމީހުންގެ އަތުންނެވެ. އަދި އެ ޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިންވާ ފަޤީރުންނަށެވެ.” (އަލްބުޚާރީ)

ބައެއް މީހުންނަށް ހީވާގޮތުގައި ޒަކާތް ދައްކަންޖެހޭނީ ހަމައެކަނި ބޮޑެތި ބޮޑެތި މުއްސަދިންނެވެ. ވިޔަފާރިވެރި މަހުޖަނުންނާއި ހޮޓާތަކާއި އިމާރާތްތަކާއި ބިންތަކާއި އުޅަނދުފަހަރާއި މިފަދަ ތަންތަނުގެ ވެރިންނެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއްނޫނެވެ. ޒަކާތްވާޖިބުވަނީ ހަމައެކަނި އެބޭފުޅުންގެ މައްޗަކަށްނޫނެވެ. ޒަކާތުގެ ނިޞޯބު ހަމަވެ ޒަކާތްދެއްކުމުގެ ޝަރުޠުހަމަވާ ކޮންމެމީހަކީ ޒަކާތްދެއްކުން ވާޖިބުވާމީހެކެވެ.

ޒަކާތްދެއްކުމުގެ މުހިއްމުކަން:

އަންނަނިވި ކަންކަމުން ޒަކާތްދެއްކުމުގެ މުހިއްމުކަން ދޭހަވެއެވެ.

1-    ޒަކާތްދިނުމަކީ އިސްލާމްދީނުގެ 3 ވަނަ ރުކުނެވެ.

2-    ޒަކާތްދެއްކުމަށް ކީރިތި ޤުރުއާނާއި ޙަދީޘް ތަކުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ.

3-    ނަމާދަކީ އިސްލާމްކަމާ ކާފިރުކަން ވަކިކޮއްދޭ އިމަށް ވާއިރު ނަމާދުކުރުމަށް އަމުރުކުރެއްވުމާ ވިދިގެން ޤުރުއާންގެ އެތައްތަނެއްގައި ޒަކާތްދިނުމަށް ބާރުއަޅުއްވާފައިވެއެވެ. މިގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَأَقِيمُوا الصَّلاة وَآتُوا الزَّكاة وَمَا تُقَدِّمُوا لِأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللهِ)) (البقرة: 110) މާނައީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ ކަމެއްގެ ޘަވާބު، ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ.”

4-    ޒަކާތްދިނުމަކީ ﷲ އަށް ބިރުވެތިވެ ތަޤްވާވެރިވާ މީހުންގެ ސިފައެކެވެ.

5-    ޒަކާތް ދިނުމަކީ ސުވަރުގެ ވަނުމަށް މެދުވެރިކޮއްދޭ ސަބަބުތަކުގެ ތެރެއިން  އެއް ސަބަބެވެ.

6-    ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތް އިތުރުވާކަމެކެވެ.

7-     ޒަކާތްދިނުމަކީ ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތްވުމަށާއި ހިތާމަތަކާއި ކަންބޮޑުވުންތަކުން ދުރުވުމަށް މަގުފަހިކޮއްދޭކަމެކެވެ.

8-    ޒަކާތްދިނުމަކީ ބޮޑުވެގެންވާ ދަރުމައާއި ސަވާބު ހުރިކަމެކެވެ.

9-    ޒަކާތްދިނުމަކީ ނަފްސު ޠާހިރު ކޮއްދީ ދަހިވެތިކަން ފިލުވާލާކަމެކެވެ.

10- ޒަކާތްދިނުމަކީ އީމާންކަމުގެ ފޮނިމީރުކަން އިޙްސާސްކުރެވޭކަމެކެވެ.

11- ޒަކާތްދިނުމަކީ މަތިވެރިދަރަޖަ ތަކަށް ވާސިލުވުމުގެ މަގެކެވެ.

ޒަކާތް ނުދޭމީހާއަށްހުރި ޢަޒާބު:

މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ” ………. وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿34 يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ ﴿35 (التوبة: 34-35) މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން ދަންނާށެވެ! ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ! އެބައިމީހުން، އެއްކޮށް ޚަޒާނާކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެތަކެތިން، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި ޖެއްސެވޭނެއެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކޭށެވެ!”

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  “ﷲ މީހަކަށް މުދަލެއް ދެއްވައި، އެ މުދަލަކުން ޒަކާތް ނުދީފިމީހާ ދަންނާށެވެ! ޤިޔާމަތްދުވަހު އެމީހަކަށް އެ މުދާތައް ވިހަގަދަކަމުން ތަލަވެފައިވާ ހަރުފައަކަށް ހަދާލެވޭނެއެވެ. އެ ހަރުފައިގައި ކަޅު ދެ ތިކިވާނެއެވެ. ޤިޔާމަތްދުވަހު އެ ހަރުފަ އެ މީހާގެ ކަރުގައި އޮޅާލާނެއެވެ. އެސޮރުގެ ދެތަތްޕިލައިން އެމީހާގެ ގައިގައި ހިފާނެއެވެ. އަދި އެ ހަރުފަ ބުނާނެއެވެ. ތިމަންނާއީ ކަލޭގެ މުދަލެވެ. ތިމަންނާއީ ކަލޭގެ ކޚަޒާނާއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މި އާޔަތް ކިޔަވާ ވިދާޅުވިއެވެ.  وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّـهُ مِن فَضْلِهِ هُوَ خَيْرً‌ا لَّهُم ۖ بَلْ هُوَ شَرٌّ‌ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ وَلِلَّـهِ مِيرَ‌اثُ السَّمَاوَاتِ وَالْأَرْ‌ضِ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ‌  (آل عمران: 180) މާނައީ: ” ﷲ، އެކަލާނގެ ފަޟްލުވަންތަކަމުގެ ތެރެއިން އެބައިމީހުންނަށް ދެއްވި ތަކެއްޗާމެދު، ދަހިވެތިވާ މީހުން، އެކަންއެއީ، އެބައިމީހުންނަށްހުރި ހެޔޮކަމެއް ކަމުގައި ހީނުކުރާހުށިކަމެވެ! އަދި ކިއެއްތަ! އެއީ، އެބައިމީހުންނަށްހުރި ނުބައިކަމެކެވެ. އެބައިމީހުން ދަހިވެތިވި ތަކެތީން ޤިޔާމަތްދުވަހުން އެބައިމީހުންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުށްޓެވެ. އުޑުތަކާއި ބިމުގެ މިލްކުވެރިކަންވަނީ ﷲއަށެވެ. އަދި، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (އަލްބުޚާރީ)

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.” ރަނާއި ރިހި ގެންގުޅޭ މީހަކު، އެ ތަކެތީގެ ޙައްޤު (އެބަހީ؛ ޒަކާތް) ނުދީފިކަމުގައި ވާނަމަ، ޤިޔާމަތްދުވަހު، އެމީހަކަށް އެ މުދާތައް އަލިފާނުގެ ދަގަނޑު ފޮތިތަކެއްފަދައިން ހަދާލެވެއެވެ. އަދި އެތަކެތި ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެތަކެތިން، އެމީހާގެ އަރިކަށީގައްޔާއި ނިތްކުރީގައްޔާއި، ބުރިކަށީގައި ޖެއްސޭނެއެވެ. ކޮންމެ ދުވަހެއްގެ ދިގުމިން ފަންސާސްހާސް އަހަރު ކަމުގައިވާ ޤިޔާމަތް ދުވަހުގައި އެފޮތިތައް ހިހޫވާ ކޮންމެފަހަރަކު އަނެއްކާވެސް ދޮންކުރެވޭނެއެވެ. މީސްތަކުންނާމެދު ޙުކުމް ކުރެވިއްޖެއުމަށް ދާންދެން، އެމީހަކަށް މި ޢުޤޫބާތް ދެއްވާނެތެވެ. ދެން އޭގެފަހުގައި، އެމީހާއަށް ސުވަރުގޭގެ މަގަށް، ނޫނީ ނަރަކައިގެ މަގަށް މަގުދެއްކެވޭނެއެވެ…..” (މުސްލިމް)

ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް:

ޒަކާތްދެއްކުން ވާޖިބުވެގެންވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ:

1-    ރަނާއި،ރިއްސާއި އޭގެ ޙުމުމްގައި ހިމެނޭ ފައިސާ.

2-    މަޢުދަނާއި ރިކާޒު (ވަޅުލެވިފައިވާ އަގުހުރި މުދާ).

3-    ދަނޑުގޮވާން.

4-    ނަޢަމްސޫފި.

5-    ވިޔަފާރިމުދާ.

ކޮންމެކޮންމެ ބާވަތަކުން ޒަކާތް ދައްކާކަށް ނުޖެހެއެވެ. އަމިއްލަބޭނުމަށް ގެންގުޅޭ ފޯނާއި ލެޕްޓޮޕާއި ސައިކަލާއި ކާރުފަދަ ސާމާނާއި ގޭގެ ފަރުނީޗަރާއި ވިޔަފާރިކުރާ ތަންތަނުގައި ހުންނަ ވިއްކުމަށް ނޫންގޮތަކަށް ބަހައްޓާފައި ހުންނަ އާލާތްތަކުން ޒަކާތްދައްކާކަށް ނުޖެހެއެވެ. ރާއްޖެއަށްބަލާއިރު ޢާންމުގޮތެއްގައި ޒަކާތް ދައްކަންޖެހެނީ ބަޔާންވެދިޔަ 5 ބާވަތުގެ ތެރެއިން ދެބާތަކުންނެވެ. އެއީ ރަނާއި ރިއްސާ ފައިސާއާއި ވިޔަފާރި މުދަލެވެ.

ޒަކާތުގެ ނިޞޯބު:

ޒަކާތުގެ ނިޞޯބަކީ ޒަކާތްނެރުން ވާޖިބުވުމަށްޓަކައި ޒަކާތް ނެރެންޖެހޭ މުދަލުގައި ހަމަވާންޖެހޭ މިންވަރެވެ. އެގޮތުން ރަނުގެ ނިޞޯބަކީ 85 ގުރާމެވެ. ރިހީގެ ނިޞޯބަކީ 595 ގުރާމެވެ. ރުފިޔާ އާއި ޑޮލަރާއި އެނޫންވެސް ކަރެންސީ ތަކުގެ ނިޞޯބު ކަނޑައަޅަނީ ރަނުގެ ނުވަތަ ރިހީގެ އަގަށް ބަލައިގެންނެވެ. ދިވެހިރުފިޔާގެ ނިޞޯބު މިނިސްޓްރީ އޮފް އިސްލާމް އެފެއަރޒްގެ ވެބްސައިޓްގައި ޢާންމުކުރެވިފައިވެއެވެ.

ރަނާއި ރިއްސާ އަދި ފައިސާއިން ޒަކާތްދައްކާނެގޮތް:

ތިމާގެ އަތުގައި ހުރި ރަން ނުވަތަ ރިހި ނުވަތަ ފައިސާ ގެ ޢަދަދު ނިސާބާ އަރާހަމަވެއްޖެނަމަ އެދުވަހުން ފެށިގެން ހިޖުރީ އަހަރެއް ހަމަވޭތޯ ބަލަމުންދާންވާނެއެވެ. ނިޞޯބަށްވުރެ ދަށްނުވެ ހިޖުރީގޮތުން 12 މަސްހަމަވެއްޖެނަމަ އެވަގުތު އަތުގައި ހުރި ރަން ނުވަތަ ރިހި ނުވަތަ ފައިސާ ގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓް ޒަކާތުގެ ގޮތުގައި ނެރެންޖެހޭނެއެވެ. މަސްގުނަމުންދަނިކޮށް އެއްވެސް ސަބަބަކާހެދި ތިމާގެ އަތުގައި ހުރި ރަން ނުވަތަ ރިހި ނުވަތަ ފައިސާ ނިޞޯބަށްވުރެ ދަށަށް ގޮސްފިނަމަ އެހިސާބުން މަސްގުނުން ހުއްޓާލަންވީއެވެ. އެއީ ނިޞާބު ހަމަނުވާމުދަލަކުން ޒަކާތްދައްކަން ނުޖެހޭތީއެވެ. އަނެއްކާވެސް ނިޞޯބުހަމަވެއްޖެނަމަ އަނެއްކާވެސް މަސްގުނަންފަށާނީއެވެ.

ގަހަނާގެ ގޮތުގައި ބޭނުންކުރާ ރަނާއި ރިހިން ޒަކާތްދައްކަން ޖެހޭތޯ ނުވަތަ ނޫންތޯ ޢިލްމުވެރީންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބޮޑަށްރައްކާތެރިގޮތަކީ އެތަކެތީންވެސް ޒަކާތް ދެއްކުމެވެ. އެތަކެތީން ޒަކާތްދައްކާއިރު އެތަކެތި ހަލާކުކޮއްގެން އޭގެބައެއް ޒަކާތުގެ ގޮތުގައި ނެރޭކަށްނުޖެހޭނެއެވެ. އޭގެ ބަދަލުގައި ބަރުދަންބަލާ އަގުކޮއްގެން ޒަކާތުގެ ގޮތުގައި ފައިސާ ދެއްކިދާނެއެވެ.

މަހުން މަހުން މުސާރަ ލިބޭމީހަކު އަހަރުވެގެން ފައިސާއިން ޒަކާތްދައްކަން ބަލާއިރު ޖަމާވެފައިހުރި ފައިސާ ގެ ތެރޭގައި އަހަރު ހަމަނުވެ ހުރިފައިސާ ހުރިނަމަވެސް ޒަކާތްދައްކާވަގުތު ހުރި ހުރިހާ ފައިސާއަކުން ޒަކާތްދައްކަން ވާނެއެވެ. މިކަމުގައި ދީނީ ޢިލްމުވެރިންގެ ފަތުވާއަކީ މިއީއެވެ. އެއީ ވަކިވަކިން ލިބޭ ފައިސާއަށް ވަކިވަކިން އަހަރު ހަމަވޭތޯ ބަލަމުންދިއުމަކީ ދަތި އުދަގޫކަމަކަށްވާތީއެވެ.

ވިޔަފާރި މުދަލުން ޒަކާތްދެއްކުން:

ވިޔަފާރި މުދަލަކީ ވިއްކުމަށް ހުންނަމުދަލެވެ. ވިއްކުމަށްޓަކާހުންނަ މުދަލުގައި ނިޞޯބު ހަމަވެ ހިޖުރީ އަހަރެއް ހަމަވެއްޖެ ނަމަ ޒަކާތްދެއްކުން ވާޖިބު ވާނެއެވެ. ވިޔަފާރި މުދަލުން ޒަކާތް ދައްކާނެ ގޮތަކީ ނިޞޯބު ހަމަވެފައިވާ މުދަލަށް ހިޖުރީ އަހަރެއް ހަމަވުމުން އެމުދާ އަގުކުރާނީއެވެ. އަގު ކުރުމަށްފަހު އޭގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 ޕަސެންޓް ޒަކާތުގެ ގޮތުގައި ނެރޭނީއެވެ. އަގު ކުރާނީ ޒަކާތްދައްކާއިރު އެމުދަލުގެ ޙަޤީޤީ އަގަކީ ކޮބައިތޯ ބަލައިގެންނެވެ. އެއީ ގަތް އަގު ނުވަތަ ވިއްކަން ހުރި އަގު ކަމުގައި ނުވެދާނެއެވެ. ވިޔަފާރި މުދަލުގެ ނިޞޯބަކީ ރުފިޔާ ފައިސާގެ ނިޞޯބެވެ.

ޙިއްސާއިން ޒަކާތްދެއްކުން:

ޙިއްސާގެ ދެވައްތަރެއްހުރެއެވެ. އެއްވައްތަރަކީ ތަކެތި އުފައްދާ ކުންފުންޏެއްގައި އިންވެސްޓްކުރުމުގެ ގޮތުން ގަންނަޙިއްސާއެވެ. މިފަދަ ޙިއްސާއިން ޒަކާތްދައްކަން ޖެހެނީ އެޙިއްސާ އަށްލިބޭ ފައިދާ އިންނެވެ. އެފައިދާގައި ނިޞޯބު ހަމަވެ ހިޖުރީ އަހަރެއް ހަމަވުމުން 2.5 ޕަސެންޓް ޒަކާތުގެ ގޮތުގައި ނެރޭނީއެވެ. ދެވަނަ ވައްތަރަކީ ތަކެތި ގަނެވިއްކާ ކުންފުންޏަކުން ވިއްކައިގެން ފައިދާ ހޯދުމުގެ ބޭނުމުގައި ގަންނަ ޙިއްސާއެވެ. މިފަދަ ހިއްސާއިން ޒަކާތްދައްކަން ޖެހެނީ ވިޔަފާރި މުދަލަކުން ޒަކާތްދައްކާ ގޮތަށް ނިޞޯބު ހަމަވެ ހިޖުރީ އަހަރެއްހަމަވުމުން ހިއްސާގެ އަގުންނާއި އޭގެ ފައިދާގެ 2.5 ޕަސެންޓް ޒަކާތުގެ ގޮތުގައި ނެރެގެންނެވެ.

ދަރަންޏަށްދީފައިވާ ފައިސާއިން ޒަކާތްދެއްކުން:

ދަރަންޏަށްދީފައިވާ ފައިސާގެ އޮންނާނީ ދެ ޙާލަތެކެވެ. އެއްޙަލަތަކީ ދަރަނި ނެގިކަމަށް އެއްބަސްވާ އަދި އަދާކުރެވޭ ފަދަ މީހެއްގެ އަތުގައި ދަރަނި އޮތުމެވެ. ދެވަނަ ޙާލަތަކީ ދަރަނި ނެގިކަމަށް އެއްބަސްވާ އެހެންނަމަވެސް އަތްމަތި ދަތި މީހެއްގެ އަތުގައި ދަރަނި އޮތުމެވެ. ނުވަތަ އަދާކުރުމުގައި ދިގުދަންމާ މީހެއް ނުވަތަ ދަރަނި ނެގިކަމަށް އިންކާރު ކުރާ މީހެއްގެ އަތުގައި ދަރަނި އޮތުމެވެ. ފުރަތަމަ ޙާލަތުގައި އަތުގައި ހުރި ފައިސާ އާއި އެކު ދަރަންޏަށްދީފައިވާ ފައިސާވެސް ހިމަނައިގެން ކޮންމެއަހަރަކު ޒަކާތްދެއްކިދާނެއެވެ. ނުވަތަ ދަރަނި ފައިސާ ލިބުމުން ނުދެއްކި ހުރި ހުރިހާ އަހަރަކަށް ޒަކާތް ދެއްކިދާނެއެވެ. ދެވަނަ ޙާލަތުގައި ޒަކާތްދައްކާކަށް ނުޖެހެއެވެ. އެހެންނަމަވެސް އެއްވެސް ޒަމާނަކުން ދަރަނީގެ ފައިސާ ލިބިއްޖެނަމަ އެއް އަހަރަށް ޒަކާތް ދެއްކުމުން ފުދޭނެއެވެ. އެއީ އެތައްޒަމާނެއްވަންދެން ދަރަނި ނެގި މީހާގެ އަތުގައި ފައިސާ ހުރި ކަމުގައި ވިއަސްމެއެވެ.

ޒަކާތުގެ ބެހެނިވެރިން:

މުދަކުގެ ޒަކާތް ޙައްޤުވަނީ 8 ބާވަތެއްގެ މިހުންނަށެވެ. އެއީ ތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ފަރާތްތަކެވެ. އެފަރާތް ތަކަކީ:

1-    ފަގީރުން: ފަގީރަކީ އޭނާގެ ޟަރޫރީ ބޭނުންތައް ފުއްދޭހާވެސް ނެތް ނިކަމެތިމިހާއެވެ.

2-    މިސްކީނުން: މިސްކީނަކީ ކޮންމެހެން ކުރަންޖެހޭ ބައެއްކަންކަން ފުދުނު ކަމުގައިވިއަސް އަނެއްބައި ކަންކަން ނުފުދިހުންނަ ނިކަމެތި މީހާ އެވެ. މިސްކީނުން ފަޤިރުންނަށްވުރެ ތަންކޮޅެއްޙާލަތު ރަގަޅުވާނެއެވެ.

3-    ޒަކާތުގެ އާމިލުން: ޒަކާތުގެ އާމިލުންނަކީ އުޖޫރައަކާއި ނުލާ ޒަކާތް ޖަމާކޮށް އޭގެ ހައްގު ވެރިންނަށް ޒަކާތް ބެހުމުގެ އެންމެހާ ކަންތައްތައް ކުރާމީހުންނެވެ.

4-    ހިތްތައް އެކުވެރި ކުރެވޭ މީހުން: މިފަދަ މީހުންނަކީ އިސްލާމްދީނަށް އެބައިމީހުންގެ ހިތުގައި ލޯބި ޖައްސައި ދީނާ ގާތްކުރުމަށް އެހީ ތެރިވެދެވޭ މީހުންނެވެ.

5-     އަޅުން މިނިވަން ކުރުން:

6-    ދަރަނިވެރިން: ދަރަނި ވެރިއަކީ މީހަކަށް ދަރާފައި އެދަރަނި އަދާނުކުރެވިފައިވާ މީހާއެވެ.

7-    ފީ ސަބީލިﷲ ( ﷲ މަގުގައި ޖިހާދުކުރުން ) : ﷲގެ ދީން މަތިވެރިކޮށް، އެކަލާނގެ ކަލިމަފުޅު މަތިވެރިކުރުމަށް މަސައްކަތް ކުރާ މީހާ މީގެ ތެރޭގައި ހިމެނޭނެއެވެ.

އިބްނުއްސަބީލުން : އިބްނުއްސަބީލަކީ ދަތުރު މަތީގައި ހާލުގައި ޖެހި އެހީތެރިކަމަށް ބޭނުންވެފައިވާ މީހާއެވެ.   (ނިމުނީ)

Categories: ދީން
ޙުޅުދެލި:
Related Post